Wednesday, February 12, 2020

އޭ ހިތާއޭ ކީއްވެހޭ ތިޔަ ގިސްލަނީ

އޭ ހިތާއޭ  ކީއްވެހޭ ތިޔަ ގިސްލަނީ  
ނުތަނަވަސް ކަމުގައި މިނެއްނެތި ހާސްވަނީ  (2)
ކަށައިތުރު ރައްބީގެ ޒިކުރާ ހަދުމައިން 
މުޅިޙަޔާތަށް ހާދަފުން އުފަލެއް ދެނީ
އޭ ހިތާއޭ  ކީއްވެހޭ ތިޔަ ގިސްލަނީ  
ނުތަނަވަސް ކަމުގައި މިނެތްނެތި ހާސްވަނީ 


އުސްބޮޑެތި ފަރުބަދަތަކުން  ސޮއްސާލުމާ  
ޖައްވުގައި އުދުހޭން ދެއަތް ފަތުރާލުމާ  އާ އާ--------
ކަނޑުއަޑީ ފީނަން ކަނޑަށް ފުންމާލުމާ 
ހިނދުކޮޅެއްނުވެ ހާސްވެގެން ނޭވާލުމަށް
ކޮންކަހަލަ ދަރުސެއްހެ މިކަމުން ލިބިދެނީ 
މަރުވަށައިގެން ވާކަމޭ އަންގައިދެނީ
އޭގެ ބިރުގައި ސިހުނު ސިހުމޭ ބުނެދެނީ
ކަށައިތުރު ރައްބީގެ ޒިކުރާ ހަދުމައިން 
މުޅިޙަޔާތަށް ހާދަފުން އުފަލެއް ދެނީ


ކުލަބޮކީގައި ހުންނަ ފަރި ނިވިދިއްލުމާ އާއާ--  
ފުނަޖަހާއިރު އޭގެ ހަމަޔަށް ލެނގިލުމާ އާއާ----
ކުލަމަޖަލުގައި ސާބަހަށް ހެލިފެލި ވުމާ 
ބަލި އެނދެއްގައި ދާދި އަވަހަށް ރޮއެލުމާ
ކޮންކަހަލަ ފަހުމެއްހެ މިކަމުން ލިބިދެނީ  
އުނި ކަމާ ދުނިޔޭގެ ވަހުމޭ ފެނިދަނީ  
އޭގެ ރިހުމޭ ދެއްކި ކުޅިވަރަކަށް ވަނީ
ކަށައިތުރު ރައްބީގެ ޒިކުރާ ހަދުމައިން 
މުޅިޙަޔާތަށް ހާދަފުން އުފަލެއް ދެނީ


ވައިކަފާ ދުއްވާ އަމިއްލަ އުޅަދު ފަހަރު 
މެދުއުޑަށް  އުފުލާ ފިހާރަތަކާ ގެދޮރު
އިތުރުވީވީހެން ވަނީ ގިނައޭ ފިކުރު 
ނުކުރަނީހޭ ބުއްދިއެއް މިކަމަށް އިތުރު
ކޮންކަހަލަ ނަފުސެއްހެ ހަށިގަނޑުގައި ވަނީ 
ހިޔަނިތައް ފަހަތުން އެދުވެ ވަރުބަލިވަނީ  
އޭގެ ވޭނޭ ދާއިމަށް ތިޔަ އުފުލަނީ
ކަށައިތުރު ރައްބީގެ ޒިކުރާ ހަދުމައިން 
މުޅިޙަޔާތަށް ހާދަފުން އުފަލެއް ދެނީ


އުފެދި، ނެތުމުގެ ތެރެއިން ދިރިގެން އައި ގޮތާ،
އެފަދަ އާރެއް ބާރެއް ނެތި  އޮތް ހާލަތާ،
ސިފަރިވެތިވެ މި ރޫފަ ޖެހިގެންދާ ގޮތާ،
ނުފުދިފާ ހުއްޓާ ކަމީނާ ވާގޮތާ،
ކޮންކަހަލަ ފިކުރެއްހެ މިކަމުން ލިބިދެނީ؟
ނުދެނެ ހުއްޓާ ތިންފިލާގަޔެ ގެންދަނީ...
އޭގެ ފަހުގާ ވާނެ ޙާލޭ ނޭނގެނީ...
ކަށަ އިތުރު ރައްބީގެ ޒިކުރާ، ހަނދުމައިން...
މުޅި ޙަޔާތަށް ހާދަ ފުން އުފަލޭ ދެނީ!!


ބަދަލުކޮށްފީމޭ މަގޭ ނަފުސާ ޒަމީރު
އަދަދުތައް ހެޔޮ އަމަލުގެ،  ބެލިއިރު   މާފަގީރު
މަޖަލަކަށް ނުހަދާނަމޭ އުމުރުގެ ހަވީރު
މަދަދަކީ ޝުކުރާ ޒިކުރު ކުރުމޭ މިހާރު
ކޮންކަހަލަ އުފަލެއްހެ މި ކަމުން ލިބިދެނީ؟
ދެ ދުނިޔޭގެ ސަލާމަތޭ އިޙްސާސްވަނީ...
އޭގެ އިތުބާރޭ ހިތަށް ފިނިކަންދެނީ...  
ކަށަ އިތުރު ރައްބީގެ ޒިކުރާ، ހަނދުމައިން...
މުޅި ޙަޔާތަށް ހާދަ ފުން އުފަލޭ ދެނީ!!


No comments:

Post a Comment

ދިރި ހިތާ ރޫޙު އަލުން

ރާގު: ދިލްކި އާވާޒުބި ސުން … ޅެން: އިއްޒާ އަހުމަދު ނިޒާރު ދިރި ހިތާ ރޫޙު އަލުން … ދިރި ހިތާ ރޫޙުއަލުން ދާނެ މީއީއޭ ރަމަޟާން ކުރި ...